logo

ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި ލޯނަށް 50 މިލިޔަން ޑޮލަރު ދައްކައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިއަދު ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން 2019ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނެގި ކަމަށެވެ. އެ ލޯނުތައް ނުދައްކާ ރޯލްއޯވާ ކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ 7 ޖަނަވަރީ 2024ގައި ކަމަށެވެ. އަދި މޭ 11 އަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބާކީ 30 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް އަދި ޤައުމާ ބެހޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށާއި ޤައުމުގެ އިޤްތިޞާދު ހަލާކުރުުމަށް ހަޤީޤަތެއް އަދި އަސާސެއް ނެތް ވާހަކަތައް ދައްކަަމުންދާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް އަމަލުނުކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށެވެ. ރައްޔިތުންގެ ބޮލުގައި މީގެކުރިން އަޅުވާފައި ހުރި މިފަދަ ދަރަނިތަކުން ސަލާމަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ބޮޑު ލޯންގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ޞާލިޙްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރުންނެވެ.

ad