ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުން ޖުމްލަ 11 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމަށްޓަކައި ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. މި ބިޔަ މަޝްރޫޢަކީ އެ ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި "ފިލިއްޕޯ ބުރުނެލެސްކީ" ކޮންނަ ބޯޓު ބޭނުންކޮށްގެންނެވެ. މި މަސައްކަތް ނިންމާލުމަށް ހޭދަވެފައިވަނީ އެންމެ އަށް ދުވަހެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހުގައެވެ. އަދި ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށްގެންގޮސް، މުޅި މަޝްރޫޢު ނިންމާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގައެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައި-އިލެކްޝަންގައި ގާދިއްފުށިން ސަރުކާރު ހިންގާ ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ނުލިބުނު ނަމަވެސް، އެ ރަށުގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކުގެ ނަތީޖާއަށް ބަލައިގެން މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށެވެ.


