ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާކޮށް، ޕެންޝަނާއި އިނާޔަތްތައް ލިބެމުންދާ ފަރާތްތަކަށް އަލުން ސަރުކާރުގެ މަގާމުތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ގެއްލޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުންހޯލް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، ރިޓަޔާމަންޓަކީ މީހެއްގެ ހިދުމަތުގެ ދައުރު ނިމުމަކަށް އައުމުން ދެވޭ އެއްޗެއް ކަމަށެވެ. އެހެންކަމުން، އެ މަރުހަލާ ކަނޑައެޅުމަށްފަހު އަލުން ސަރުކާރުގެ ވަޒީފާތަކަށް އެފަދަ ބޭފުޅުން އައުމަކީ އެމަނިކުފާނު ތާއީދުކުރައްވާ އުސޫލެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އިންތިހާބީ މަގާމުތަކަށް ވާދަކޮށްގެން ހޮވޭ ހޮވުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޓަޔާކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މި ސަރުކާރުން ސިޔާސީ އިސް މަގާމުތައް ދެމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މިއަދު ތައުލީމީ އަދި ގާބިލު އެތައް ޒުވާނުންނެއް ވަޒީފާގެ ފުރުސަތަކަށް ބަލަބަލައި އެބަތިބި ކަމަށެވެ. އަދި ރިޓަޔާކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އަލުން ވަޒީފާ ދިނުމުގެ ބަދަލުގައި، އެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ޔާމީން ބާރުއެޅުއްވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރިޓަޔާކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ސަރުކާރުގެ ސިޔާސީ މަގާމުތައް ދިނުމަކީ ގައުމުގެ ޒުވާން ޖީލަށް އޮތް ކުރިމަގު ބަންދުވުމެެއް ކަމެކެވެ. އެހެންކަމުން، މިފަދަ އުސޫލުތައް އިސްލާހުކޮށް ޒުވާނުންނަށް ގައުމީ ޚިދުމަތުގެ ކުރީ ސަފުން ޖާގަ ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް މައްޗަށް އަރަމުންދާތީ ޔާމީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލިފައިވާއިރު، މިހާރު ޑޮލަރުގެ އަގު އެ މިންވަރުގައި ހުރީ އިގުތިސާދީ ހަރަކާތްތައް މަޑުޖެހި ޑިމާންޑް ދަށްވުމުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާއި ވިޔަފާރިތައް އަލުން ހިނގައިގެންފި ނަމަ، ޑޮލަރުގެ އަގު 25 ރުފިޔާއަށްވުރެ މައްޗަށް އެރުން އެކަށީގެންވާ ކަމަށް އެމަނިކުފާން އަންދާޒާކުރެއްވިއެވެ.
ހަމައެއާއެކު އިގުތިސާދީ ހަގީގަތް އޮޅުވާލައި ރައްޔިތުންނަށް ދޮގު ހެދުމަކީ ސަރުކާރާމެދު ނުރުހުން އުފެދި ވެރިކަން ބަދަލުވުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އީރާނާއި ވެނެޒުއޭލާގެ މިސާލު ދައްކަވަމުން މިހާރުގެ ސަރުކާރަށް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

.jpg&w=256&q=75)
