logo

ޝައްމާނަށް ހުކުމްކުރުން ފަސްކޮށްފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށްފަހު، އެ އަޑުއެހުން ފަސްކޮށްފިއެވެ.

ޝަމްއާނަށް ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ.

ނަމަވެސް، އޭނާގެ ދިފާއީ ވަކީލު ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން ފަސްކޮށްދޭން ވަނީ އެދިފައެވެ. އެކަމާ ގުޅިގެން އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ދެން އެ އަޑުއެހުން އޮންނާނެ ދުވަހެއް ކޯޓުން ބުނެފައެއް ނުވެއެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކޮށްފައިވާ ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލިއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ. މި 3 ދައުވާއަށް ވެސް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ.

އޭގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތުވެެއްޖެ ނަމަ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެެެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތިންވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.

ad