ހުޅުމާލޭ ފޭސް ތިނެއްގައި 1،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިއީ އެފޯޑަބަލް ހޯމްއޯނާޝިޕް މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރުސަތު ހުޅުވާލާފައި ވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން އެ ވުޒާރާއިން ކުރި އިއުލާނުގައި ވަނީ، މިއީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އުމްރާނީ ތަރައްގީއަށް އެހީތެރިވުމާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި ސްކީމްގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 23 މާރިޗް 2026 އާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން، ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސާ ފައިނޭންސްގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތައާރަފްކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމުތަކާއި، ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ރޭވިފައެވެ.
މި މަޝްރޫއު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

