logo

ގެސްޓްހައުސްތަކުން ވިޒިޓް މޯލްޑިވްސްގެ މެންބަރަކަށްވުމުގެ ފީ ކުޑަކޮށްފި

އާމިނަތު މޫސާ
4 ދުވަސް ކުރިން

ގެސްޓްހައުސްތަކުން ވިޒިޓް މޯލްޑިވްސްގެ މެންބަރަކަށްވުމުގެ ފީ ކުޑަކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ޚާއްޞަ ކޮށްގެން މީގެ ކުރިން ނަގަމުން ދިޔަ ޕީތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ގެސްޓުހައުސްތަކަށް މެންބަރަކަށް ވުމަށްޓަކައި 1،000 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިގެނައި ބަދަލާއެކު ދައްކަން ޖެހެނީ، 25 ކޮޓަރި އަށްވުރެ ކުޑަނަމަ 350 ޑޮލަރެވެ. އަދި 25 ކޮޓަރި އަށްވުރެ ގިނަނަމަ 750 ޑޮލަރެވެ.

އެހެންކަމުން މިއަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބަރޝިޕް ފުރުޞަތުތަކެއް ތަޢާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި ބޮޑެތި ވިޔަފާރިތަކުންވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަޤީން ކުރެވޭނެ ކަމަށްވެސް ބުނެއެވެ.

އަދި މީގެ އިތުރުން ރޯޑު ޝޯވތަކާއި، ފަތުރުވެރިކަމުގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުޞަތު ދިނުމަށާއި، އެ ކުންފުނިން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެސްޓު ހައުސްތަކުގެ މެންބަރޝިޕް ފީ ދައްކަން ޖެހޭނީ، ކޮންމެ އަހަރެއް ފެށޭއިރެވެ.

ad