logo

މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
10 ގަޑިއިރު ކުރިން

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ. މިލަންދޫއަކީ މި ސަރުކާރު އައިފަހުން އެކްސްރޭގެ ޚިދުމަތް ޤާއިމްކުރާ 4 ވަނަ ރަށެވެ.

ށ. މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ.

މިރަސްމިއްޔާތުގައި މިލަންދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެރަށު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރަށެއް ތަރައްޤީކުރުމުގައި ޞިއްޙީ ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިލަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށްވެސް ތައްޔާރުވަމުން އަންނަކަމަށާއި މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ.

"މިރަށުގައި އެކްސްރޭގެ ޚިދުމަތް ފެށިގެންދާއިރު ވަރަށް އަވަހަށް ޑައިލިސިސްގެ ޚިދުމަތްވެސް ފެށިގެންދާނެ. މިހާރު ކުރަންޖެހޭ ކަރުދާހުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ށ. މިލަންދޫގައި ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ، އެރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި ޚިދުމަތް ފެށުމާއެކު، މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމުގެ އިތުރުން ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުޞަތު މިވަނީ ފަހިވެގެން ގޮސްފައެވެ.

މީގެ އިތުރުން 24 ގަޑިއިރަށް ޚިދުމަތް ދޭ މިޞިއްޙީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ޚިދުމަތް ފެށިގެން ދިއުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހި ވެގެންދާނެއެވެ. އެކްސްރޭގެ ޚިދުމަތަކީ ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ވަސީލަތަކަށް ވުމުންް، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް ޞިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޚިދުމަތާއެކު އެކްސްރޭ ނެގުމަށްޓަކައި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި، ދަތުރުގެ ލޮޖިސްޓިކްސްގެ ބުރަތަކާއި، ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ad