އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތް އޮކްތާއި އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ނެވެ.
މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި، ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މުގައްރިރު އޮނަރަބަލް ފުއާތު އޮކްޓޭ ދިވެހި ސަފީރަށް މަރުހަބާ ދަންނަވައި، އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތުން ދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށް ވެސް ހާރިޖިއްޔާއިން ބުނެއެވެ.
މި ބައްދަލުވުމުގައި، ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
