logo

ދިވެހިރާއްޖެއިން ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ކާލް ސޯޅަވަނަ ގުސްޓާފް އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓަންގެ ވެރިރަށް ސްޓޮކްހޯމް ގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަން އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.

ސްޓޮކްހޯމް އަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްވިޑަން އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޝާން އަރިހުގައި، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ސަފީރު ޝާން އަކީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭ އަށާއި ރިޕަބްލިކް އޮފް ފިންލެންޑް އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.

ad