ލ އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކުން މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީއެ ކުންފުނިން ލ. އަތޮޅުގައި އާރްޓީއެމް ހިދުމަށް ފެށުމަށްފަހު އަޖުމަ ބެލުމުގެ ގޮތުން ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާ އެއް ހަފްތާ ހިލޭ ދަތުރުގެ މުއްދަތު ހަތެއް އޭޕްރީލްގައި ނިމުމަކަށް އަންނާނެ ކަމަށެވެ.
އެހެންކަމުން 8 އޭޕްރީލް 2026 އިން ފެށިގެން އާރްޓީއެލް ފެރީގައި ދެން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.އަދި ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އާއި އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން ބުނީ، އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެދިފައިވެއެވެ.
ލ. އަތޮޅު އާރުޓީއެލް ފެރީ ޚިދުމަތުގައި އަގުނަގާގޮތް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން ރޫޓުތަކާއި ދަތުރުގެ ދިގުމިނަށް ބަލައި އެ އަތޮޅުގައި އެންމެ އަގުހެޔޮކޮށް ނަގާ އަގަކީ ކޮޅަކަށް 35 ރުފިޔާ އެވެ. އެންމެ އަގުބޮޑުކޮށް ނަގާ އަގަކީ ކޮޅަކަށް 125 ރުފިޔާއެވެ.
އާރްޓީއެލްގެ ނިޒާމަކީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫއެކެވެ.
މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

