logo

ސުމޫދު ފްލޮޓިލާއަށް ހުރަސްއެޅުން ރާއްޖެ ހިމެނޭހެން 10 ގައުމަކުން ކުށްވެރިކޮށްފި

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުން، ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރި ކޮށްފައިވަނީ، ރާއްޖެއާއި އިތުރު 10 ޤައުމެއް ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ބައިވެރިވެފައިވަނީ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ.

މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އަދި މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސް އެޅުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ޙަމަލާއާއި އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއާއި 10 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށާއި، މިފަދަ ޚިލާފުވުންތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަޚުލާގީ އަދި ޤާނޫނީ ވާޖިބު އަދާކުރުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި އުފެދުނު ބައިނަލްއަޤުވާމީ ހަރަކާތެކެވެ. މި ފްލޮޓިލާގެ މައިގަނޑު މަޤުސަދަކީ، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޣައިރު ގާނޫނީ ހިސާރު މުގުރާލައި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނާއި ތުއްތު ކުދިންނަށް ބޭނުންވާ ކިރު ފަދަ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ad