މޯލްޑިވްސް އިމިގްރޭޝަނުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޓަރމިނަލް 1 ގައި ދެމުންދާ އީ-ގޭޓުގެ ޚިދުމަތް ބައިނަލްއަޤްވާމީ ފަސިޖަރުންނަށް ފުޅާކޮށްފިއެވެ.
މި ޚިދުމަތާްއެކު، ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ފަސިޖަރުންނަށް ރާއްޖެއަށް އަންނަ އިރާއި ރާއްޖެއިން ފުރާ އިރު އޮޓޮމޭޓެޑް ނިޒާމުން އިމިގްރޭޝަން މަރުޙަލާ ފުރިހަމަކުރެވޭނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ފުޅާކުރި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން މި ޚިދުމަތް، ހަމައެކަނި ދިވެހި ފަސިންޖަރުންނަށް ދެމުން ގެންދިޔަ ނަމަވެސް، އަލަށް ފުޅާކުރި މި ޚިދުމަތާ ކަނޑައެޅިފައިވާ 31 އެއަރލައިނަކުން ދަތުރުކުރާ 39 ޤައުމެއްގެ ޝަރުޠުހަމަވާ ފަތުރުވެރިންނަށް މި ޚިދުމަތް މިހާރު ލިބޭނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ. ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އަންނަ މީހުންނަށް ޚާއްޞަ 20 ގޭޓާއި، ފުރާ މީހުންނަށް ޚާއްޞަ 15 ގޭޓް ހިމެނޭ ކަމަށް ވެސް އެމްއޭސީއެލް ވަނީ ހާމަކޮށްފައެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ފުރިހަމަކޮށްފައެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޢާންމު ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެއާޕޯޓް ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި، މޯލްޑިވްސް އިމިގްރޭޝަނާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ދަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށާއި، އޮޕަރޭޝަންތައް ހަރުދަނާކުރުމަށާއި، ރާއްޖެއަކީ ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ، ބައިނަލްއަޤްވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

