ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ދެއްކުން ލާޒިމުވާގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމުގެ މަސައްކަތް، ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ނިންމަވާނެ ކަމުގައި ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.
ޑަބްލިޔުޓީއެމްގެ ހަވާސާގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ސަރުކާރުން ކަނޑައެޅި ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އަނބުރާ ގެންދިއުމަށް ނިންމެވި ނިންމެވުމަށެވެ.
ވަޒީރު މުޙައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތައް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެކި ފަރާތްތަކުން ޤައުމުގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޢާންމުގޮތެއްގައި ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައެވެ. އެހެންނަމަވެސް، މަދު ބަޔަކު ޚިދުމަތް ދިނުމުގައި ބާޒާރުގެ އިންޞާފުވެރި އަގުތަކުގައި (ފެއަރ ޕްރައިސް) މުޢާމަލާތް ނުކުރާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއެކު ސަރުކާރުން ނިންމީ ޓުއަރ އޮޕަރޭޓަރުން އަތުން %17 ގެ ނިސްބަތުން ޓީޖީއެސްޓީ ނެގުމަށެވެ. އަދި ޤާނޫނަށް ގެނައި ބަދަލާ އެއްގޮތަށް އޮކްޓޯބަރު 1 އިން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު، މިހާތަނަށް ފާހަގަކޮށްލެވޭ 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ޓުއަރ އޮޕަރޭޓަރުންގެ އަތުން މި ޓެކްސް ނުނަގާ ގޮތަށް ހަމަޖައްސައި، ކުރިންވެސް އޮތް އުސޫލަށް ރުޖޫޢަވުމަށް މިހާރު ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ނިންމެވުން ނިންމެވީ ފަތުރުވެރިކަމުގެ ދާއިރާއިން ފާޅުކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ކަމާބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. މިގޮތުން ޓޫރިޒަމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ބަންޑާރަނައިބު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން މަޓީ އަދި ސިނާޢަތުގެ އިސް ބޭފުޅުންނާއެކު ބައްދަލުވުންތައް ބޭއްވުނު ކަމަށް ވިދާޅުވިއެވެ.
މި އިޞްލާޙު ގެނައުމަށްޓަކައި މިހާރު މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅިފައިވާއިރު، ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބިލު ފާސްވެ، މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، މި ބަދަލާއެކުވެސް މާކެޓުގެ ހަމައަގު (ފެއަރ ޕްރައިސް) ކަށަވަރުކުރުމުގެ ބާރު މީރާއަށް އޮންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފެއަރ ޕްރައިސް ކަނޑައެޅުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވޭ. ބާޒާރުގައި ޙަޤީޤަތުގައި ވިއްކާ އަގަށްވުރެ ކުޑަ އަގެއް ރިސޯޓު އޮޕަރޭޓަރުން ޓީޖީއެސްޓީ ދެއްކުމަށްޓަކައި ހުށަހަޅައިފިނަމަ، އެކަން ބަލައި ފާސްކޮށް، ޙައްޤު ހަމައަގު ހޯދުމުގެ ޖާގަ މީރާއަށް އޮންނާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިނާޢަތުގެ ޙިއްޞާދާރުންނާއި، އިންވެސްޓަރުން، ތަރައްޤީގެ ބައިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި މި ދާއިރާގައި ޙަރަކާތްތެރިވާ އެއްވެސް ފަރާތަކަށް ދަތިތަކާ ކުރިމަތިނުވާނޭހެން ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.


