މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް ވަޑައިގެންނެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްދެއްވާފަ އެވެ.
ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފަ އެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފު ކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަ ކުރެއް ވިއެވެ. މީގެއިތުރުން، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ އިޙްސާން ވަނީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ޤައުމީ ހިތްވަރު ފާހަގަކުރައްވާފަ އެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށް ގެންދަވާ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި މަހުގެ 12 ވަނަ ދުވަހު، މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ބައްދަލު ކުރައްވާފަ އެވެ.
މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އޮގަސްޓް ފަސް ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ. މި ހާދިސާ ގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އެވެ.

