logo

ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެ އިން ގޯތި ލިބޭނެ

މަރްޔަމް
ދުވަހެއް ކުރިން

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ލިބޭނެ ކަމަށް ރައީސް ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަނޑައެޅި ހުރިހާ ކެޓަގަރީއަކުން ވެސް ޝަރުތު ހަމަވާ މީހުންނަށް ދޭނެ ވަރަށް ރަސްމާލޭގައި ޖާގަ އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު އެހެން ވިދާޅުވީ އެޕްލިކޭޝަންތަކުގެ ނަންބަރުތައް ސީދާ ޗެކްކުރެއްވުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"މާލެ ރައްޔިތުންގެ ކެޓަގަރީން ވެސް، ދަފްތަރުގެ ކެޓަގަރީން ވެސް، ފަނަރަ އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ރައްޔިތުންގެ ކެޓަގަރީން ވެސް،" ރައީސް ވިދާޅުވި އެވެ. "މިހެން ގޮސް އަޅުގަނޑުމެން އިޢުލާނުކުރީ ގޯތި ބޭނުންވާ ގޯތިދޭ ކެޓަގަރީތައް. އެ ހުރިހާ ކެޓަގަރީއަކުން ކުރިމަތިލާ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ. ކާކުތޯ ބާކީވީ؟"

އެ މަނިކުފާނު ވިދާޅުވީ މިހެން ވިދާޅުވި އިރު، ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ނިންމުމާ ގުޅިގެން އާންމުންގެ ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަން ހުއްޓާލުމަށް ގޮވައިލަމުންނެވެ.

ނަމަވެސް އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އަޑުއުފުލަމުންދާ ރަސްމާލޭން ލިބޭ ޖާގައިގެ އިތުރުން ހުޅުމާލޭގައި އެ ކުންފުނިން އަޅާ 5،000 ފްލެޓު ވެސް މި ދައުރުގައި ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އެ ގޮތުން އާބަން އައިލްގެ ފެނާއި ނަރުދަމާ އަދި ކަަރަންޓު ފަދަ އަސާސީ ހިދުމަތްތައް ވެސް ހިމަނައިގެން، މި 5،000 ހައުސިން ޔުނިޓުގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓަށް ނިންމައި ހަވާލުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ފްލެޓުތައް ހާއްސަކުރާނީ ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި މަސްވެރިން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި މިހާތަނަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވާ މީހުންނަށެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރާވާފައިވާ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހިންގަން ނިންމި މަޝްރޫއެކެވެ.

މި މަޝްރޫއަށް ބިން ހިއްކަން ފެށީ 2023 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ad