logo

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނަން: ވަޒީރު އިރުތިޝާމް

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.

ޗައިނާގެ ކުންމިންގގައި ބޭއްވި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް ބައިވެރިވަޑައިގެން ވަނީ ތަގުރީރު ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ، ބައިނަލްއަޤުވާމީ ސުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމުގައި މަޝްވަރާޔާއި ޑިޕްލޮމަސީގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން އެ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ކަން ޙާޞިލް ކުރުމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވައި ލެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ވަޒީރު ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް ވަޒީރު ޒިޔާރަތް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގް ޔޫބޯއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިޔަށް އޮތް ތަނުގައި ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއުތުރުން، ޔުނާން ޔުނިވަރސިޓީއަށް ވަޑައިގެން، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރާ ބައްދަލުކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ. ވަޒީރު ވަނީ އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ad