ކ. ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ އެކަމުގައި ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި 50އެއްހާ ޓަނުގެ ކުނި އަނދާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. އެ ކުނިތައް ހދ.ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ވެމްކޯއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހދ. ކުނބުރުދޫއަށް ގެންގޮސްފިނަމަ އެ އަތޮޅުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެށި އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލެވުމުން އުފެދޭ ވިހަ ފެން ރައްކާތެރިކަމާއެކު ޖަމާކޮށް ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުވެފައިނުވާ ކަމަށްވެސް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޒިޔާދު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އެކަމުގެ ސަބަބުން ދިމާވެދާނެ އެކި މައްސަލަތައް ޒިޔާދުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ކުނީގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭ ގެއްލުން ލިބިދާނެ ކަމަށް ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިއީ ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
މި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ އެންމެ 07 މެންބަރުންނެވެ. އަދި މައްސަލަ ބަލައިނުގަންނަން 27 މެންބަރުން ވޯޓް ދެއްވިއެވެ. އެހެންކަމުން މައްސަލަވަނީ ތަޅުމުން ބޭރުކޮށްލާފައެވެ.

