logo

ރަސްމާލެ މަޝްރޫޢު: 716 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

އާމިނަތު މޫސާ
ދުވަހެއް ކުރިން

ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަަރައްޤީއާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 1،150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. މިއީ މަޝްރޫޢުގެ ޖުމްލަ 62 އިންސައްތަ ނިމިފައިވާކަން އަންގައިދޭ ޢަދަދެކެވެ.

ނާޝިދު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 700 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމުމުން، މިހާރު އެ ރަށަކީ ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ކަމަށެވެ.

ނާޝިދު އިތުރަށް ވިދާޅުވެފައިވަނީ، ރަސްމާލޭގެ މަޝްރޫޢު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށާއި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުން ކަމަށެވެ.

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، 1 ޑިސެންބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން، 65،000 ގެދޮރު ޔަޤީންވާނެކަމަށް ސަރުކާރުން ބުނެއެވެ. މިއީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ތަރައްޤީކުރާ މި އިކޯ ސިޓީން 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާ އިރު ފުރަތަމަ ފިޔަވަހީގައި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުރުޞަތު ހުޅުވައިލި މުއްދަތުގައި ޚާއްޞަ ޕޯޓަލް މެދުވެރިކޮށް 58,505 ފޯމު ވަނީ ހުށަހަޅައިފައެވެ. އެ ޢަދަދުގެ ތެރެއިން 35,930 ފޯމު ހުށަހެޅީ ފްލެޓަށް ކަމަށް ވާ އިރު ގޯއްޗަށް އެދި ހުށަހެޅި ފޯމުގެ ޢަދަދަކީ 22,575 އެވެ.

ad