logo

ބޮޑުއަގުގައި ބޭރު ފައިސާ ގަނެ ވިއްކާ ދެ ބިދޭސީން ހައްޔަރުކޮށްފި

ދިޔާމާ އިބްރާހިމް
15 ގަޑިއިރު ކުރިން

ގަވާއިދާ ޚިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ ނަމަކަށް ކިޔާ ދެ މީހުންނެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ 20 އޮކްޓޯބަރު 2026 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރައްވަމުން ގެންދިއުމަށް ފުލުހުން އެދިފައިވެއެވެ

އެގޮތުން އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ad