logo

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއައުމަށް ފުރައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދިވެހި ޙައްކުވެރިންގެ ދެވަނަ ގްރޫޕްގައި 262 ހައްޖާޖީން ދަތުރުކުރެއެވެ. މި ގްރޫޕް ރާއްޖެ އައުމަށް ދަތުރުކުރަމުންދަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިފަހަރުގެ ހައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ.

ދަތުރުގެ ފަސޭހަ އިންތިޒާމްތަކެއް މޯލްޑިވިއަންގެ ފްލައިޓްގައި ފުރި ޙާޖީންނަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙާޖީން އެއަރޕޯޓަށް ދިޔައިރު، ލަގެޖްތައް ވަނީ ޕްރީ ޗެކިން ކޮށްފައެވެ. އަދި ބޯޑިން ޕާސްވެސް ކުރިއާލާ ހަވާލުކޮށްފައިވެއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ. ހައްޖުވެރިންގެ އެއްމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުއެވެ.

ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް އައިސް، ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު ވަނީ ހޮޓަލަށް ގޮސްފައެވެ.

ad