logo

އިސްލާމީ ތައުލީމާއި ފަންނީ ތަރައްގީގެ ފުރުސަތު ފުޅާކުރަން މަޝްވަރާކޮށްފި

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

ޙައްޖާއި ޢުމްރާއަށްދާ ދިވެހި ޙައްޖާޖީންނަށް ދޭ އެހީތެރިކަން ހަރުދަނާ ކުރުމާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަރައްޤީގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ބަދޫރާ ސަޢީދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ޚާރިޖީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ކޮންސިއުލަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީގައި ތިބޭ މުއްދަތުގައި އެހީތެރިކަން ބޭނުންވާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު ތަޢުލީމީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިގޮތުން، ދިވެހި އިމާމުންނާއި ދަރިވަރުންގެ ޢިލްމީ މަޢުލޫމާތާއި، ޢަރަބި ބަހުގެ ޤާބިލުކަމާއި، އިސްލާމީ ތަޢުލީމީ ދާއިރާގެ ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރުމުގައި ކޮންސިއުލޭޓުގެ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.

ad