ބީއެމްއެލްގައި ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރަމުންދަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ބޭނުމުގައި ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، 2020 ވަނަ އަހަރުގެ ސެޕްޓެންބަރުން ފެށިގެން ޑެބިޓް ކާޑުގެ މުޢާމަލާތްތަކަށް ކަނޑައެޅިފައިވާ 250 ޑޮލަރުގެ ލިމިޓް، 2025 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ބޭރުގެ ޚިދުމަތްތަކާއި ތަކެއްޗަށް އަގު ދެއްކުމަށް 1,000 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ދަތުރު ޓިކެޓާއި، ހޮޓަލަށް ފައިސާ ދެއްކުމާއި ބޭސްފަރުވާއަށް 3,000 ޑޮލަރާ ހަމައަށް ލިމިޓް ބޮޑުކޮށްފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ބޭންކުން ދޫކުރާ ޑޮލަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021 އިން 2023 ގެ ނިޔަލަށް ޖުމުލަ 249 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2024 ވަނަ އަހަރު އިތުރަށް 142 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އިތުރަށް 284 މިލިއަން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް އިތުރަށް 226 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރާ ލޯނުތަކުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. 2023 ގެ ނިޔަލަށް ދޫކޮށްފައިވާ ލޯނަށްވުރެ ދެގުނަ އިތުރަށް، މިދިޔަ މަހުގެ ނިޔަލަށް ވިޔަފާރިތަކަށް 860 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކުން ހާމަކުރެއެވެ.
"މިފަދަ ގޮތަށް ވާހަކަދައްކައިގެން ބޭންކުގައި ޑޮލަރު ނެތްކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުން،" ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ބޭންކުން ގަންނަ ޑޮލަރާއި ވިއްކާ ޑޮލަރު ބެލެންސްކުރުމާއެކު، ޒަރޫރީ ކަންކަމަށް އިސްކަންދީގެން ޒިންމާދާރުކަމާއެކު ޑޮލަރުގެ މުޢާމަލާތްތައް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބޭންކުން މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ 6 މަހު އެކަނިވެސް 8 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
