logo

ގެދޮރު ގަތުމާއި، އިމާރާތް ކުރަން އިކުއިޓީއަށް އެދެން ހުޅުވާލަނީ

މަޒީ
18 ގަޑިއިރު ކުރިން

ބޯހިޔާވަހިކަން ހޯދުމުގައި ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން އެހީވުމުގެ ގޮތުން "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި"އަށް އަންނަ ނޮވެމްބަރުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްޠަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ދަށުން، "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ހިންގާ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ދޭ ހިލޭ އެހީއެކެވެ.

ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ނޫން ކަމަށާއި، އެއީ ބޭންކުތަކަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުން ކަމަށް ވިދާޅުވެ، އެކަމަށް އެހީތެރިވުމަށް ސަރުކާރުން ތައާރަފްކުރާ ދެ ސްކީމެއްގެ ތަފްސީލު މުއްޠަލިބު ވަނީ ހާމަކުރައްވާފައެވެ.

މި ސްކީމްތައް ތަންފީޒުކުރުމަށްޓަކައި މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު މާލީ ހަތަރު އިދާރާއަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެކުލަވާލަދިން "މޯލްޑިވްސް އެފޯޑަބަލް ހައުސިންގ ރިފޯމް ސްޓަޑީ" އާ ހަވާލާދެއްވައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިރާސާކުރެވުނު އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައި ނުވާއިރު މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރަށް ސޭވް ކުރެވެނީ ދިހަ އާއިލާއިން އެއް އާއިލާއަށެވެ.

މި ސިޔާސަތު ހިޔާރުކުރި ސަބަބުތައް ބަޔާންކުރައްވަމުން މުއްތަލިބު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިމާރާތްކޮށްގެން ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަކީ ދަތިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. ސަރުކާރުން އެއް ގެ އެޅުމަށް ހިނގާ ހަރަދުން، މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް 5 އާއިލާއަކަށް ގެދޮރުވެރިވުމުގެ އިކުއިޓީ ހަމަޖައްސައިދެވޭނެއެވެ. އަދި މިއީ އެއްފަހަރު ދޭ އެހީއަކަށް ވުމުން، ދައުލަތުގެ ބަޖެޓުން 20 ނުވަތަ 25 އަހަރު ވަންދެން ފައިސާ ތާށިވެފައި ނުހުންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އެހީއަކީ ލޯނެއް ނޫން ކަމަށާއި އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ކަމުގައި ވިޔަސް، މި ސްކީމްގެ ދަށުން ލިބޭ ގެދޮރު 20 އަހަރު ވަންދެން ނުވިއްކޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. މިއީ ވިޔަފާރި އުސޫލުން އަވަސް ފައިދާ ހޯދުމުގެ ބަދަލުގައި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ހައުސިންގ މިނިސްޓްރީން ވަނީ މި ސްކީމްތަކުގެ ޝަރުތުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު އަންނަ މަހު އާންމުކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، މި ސްކީމްތަކަށް އެދެން ބޭނުންވާ ފަރާތްތަކުން ބިމުގެ ލިޔެކިޔުންތައް ހަމަކުރުމަށާއި، ބޭންކުތަކާ ވާހަކަދައްކައިގެން ތައްޔާރުވަމުން ދިޔުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ad