ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް, އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެމަނިކުފާނު ދުވަހަކުވެސް ކުރައްވާނެ ކަންކަން ނޫން ކަމަށާއި، މުޅި އާއިލާ އޮތީ ސާބިތުކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށް ދަރިކަލުން ޔާމީން ޝާހިދު ވިދާޅުވެއްޖެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފުލުހުން ޝާހިދު ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާޢުގައި ވާހަކަދައްކަވަމުން ދަރިކަލުން ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕާފުޅުގެ ސުލޫކާއި، ގަބޫލުކުރައްވާ އުސޫލުތަކުގެ އިތުރުން، އެއީ ކޮންފަދަ ޝަހުސިއްޔަތެއްކަން އާއިލާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަކީ ދުވަހަކުވެސް ކުރައްވާނެ ކަންތައްތަކެއް ނޫންކަން ޔަގީންވާތީ، މިއަދުވެސް ސާބިތުކަމާއެކު ހުންނެވީ ބައްޕާފުޅުގެ ފަހަތްޕުޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބައްޕާފުޅުގެ އަބުރު ކިލަނބުކޮށްލުމަށްޓަކައި ސިޔާސީ މަގްސަދެއްގައި ކުރާ މި ތުހުމަތުތައް، ޝާހިދު މިހާރުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާކަން ދަރިކަލުން ޔާމީން ފާހަގަކުރެއްވިއެވެ. އަދި މިއަދު ބައްޕަ ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށާއި، އެކަން ހިނގައިދިޔަ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ ދަރިކަލުން ޔާމީން އިތުރަށް ވިދާޅުވީ، އިންސާފުވެރިކަމާއެކު ކަންކަން ކުރިއަށްދިއުމާއި، ގާނޫނީ އިޖުރާއަތްތައް ފުރިހަމަވުމުގެ އިތުރުން، ޝާހިދުގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރިހަމަ ފުރުސަތު އެމަނިކުފާނަށް ލިބެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޅި އާއިލާ މިއަދުވެސް އޮތީ ބައްޕައާއެކު ސާބިތުކަމާއެކުގަ. އަދި މި އަޒުމަކަށް އެއްވެސް ލޮޅުމެއް ނާންނާނެ." ނިންމާލައްވަމުން ދަރިކަލުން ޝާހިދު ވިދާޅުވިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝާހިދު ހައްޔަރުކުރުމަށްފަހު އޭނާ މިހާރު ވަނީ ދޫނިދޫ އަަށް ގެންގޮސްފައެެވެ. ޝާހިދު ހައްޔަރުކުރުމުގެ ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
ޝާހިދު އެފަދަ ކަމެއް ނުކުރައްވާނެކަމަށާއި ޢާއިލާ ވަނީ ޝާހިދުއާއި އެކުގައި ކަމަށް ޝާހިދުގެ ދަރިކަލުން ވިދާޅުވެއްޖެ
މަރްޔަމް
5 ގަޑިއިރު ކުރިން

