logo

ދަރަނި އަދާނުކޮށް ހުރުމަކީ ނިޢުމަތްތައް ހިފެހެއްޓޭނެ ކަމެއް: ޚުތުބާ

މުސްލިމާ ޙަސަން
2 ދުވަސް ކުރިން

މުދާ ހޯދުމާއި ހޭދަކުރުމުގައި ޒިންމާދާރުވެ، މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމަކީ މުހިންމު ކަމެއް ކަމަށާއި، ދަރަނި އަދާނުކޮށް ހުރުމަކީ މީހާއަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" އެވެ.ހުކުރު ޚުޠުބާގައި ވިދާޅުވީ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭ ކަމަށެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެކެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށެވެ.މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ.

މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނެއެވެ."ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އަނބިދަރީންނަށް ތިމާގެ ފެންވަރުން އަބުރުވެރިކަމާއެކު އުޅެވޭނެ މިންވަރަށް ޚަރަދުބަރަދު ދިނުމަކީ ވާޖިބެއް ކަމަށާއި، އެއީ ޘަވާބު ލިބޭ އަޅުކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދަރަންޏާއި ގަނެވިއްކުމާއި ކުއްޔަށްދިނުން ފަދަ އެންމެހައި މާލީ އެއްބަސްވުންތަކަށް ވަފާތެރިވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މުޢާމަލާތުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދުގެ ޚުތުބާގައި ވަނީ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އެ ދެ ރަށަކީ ޤިޔާމަތާ ހަމައަށް މާތް ﷲ ޙުރުމަތްތެރިކުރައްވާފައިވާ މުޤައްދަސު ދެ ރަށް ކަމަށާއި، އެއިން ތަނަކަށް ޙަމަލާއެއް ދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެގެންދާނެ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ad