މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަހްމަދު ނާޒިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ހުސައިން ސަބާހް (42އ) އަދި ރ. މަޑުއްވަރި / ސްޓާލައިން، އާއިޝަތު ނަޝާޔާ (32އ) އެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން އަހްމަދު ނާޒިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެކަމަށް ފުލުހުން ބުނެ އެވެ.
އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ރިޕޯޓްކުރީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެފައިކަމަސް ފުލުހުން ބުނެ އެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ހޯދާފއިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ހުސައިން ސަބާހް 30 ދުވަހަށް އަދި އާއިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

