ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރި ކާނަލް (ރިޓަޔާޑް) އާދަމް އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.
މަރޮްޙޫމް އާދަމް އިބްރާހިމް މަނިކު އަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އެމަރުހޫމަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ކުރީ އެންމެ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެކެވެ. އަދި ސިފައިންގެ ޚިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއްގެ އިތުރުން އެމަރްހޫމްއަކީ ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްވެސް މެއެވެ.
މީގެއިތުރުން ވެސް ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި މަސައްކަތް އިޚްލާސްތެރިކަމާއެކު ކުރައްވާފައިވާ އިރު ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން އެމަނިކުފާނު ވަނީ ބައިވެެރިވެ ވަޑައިގެންފައެވެ.
މަރޮްޙޫމް އާދަމް އިބްރާހިމް މަނިކު އަވަހާރަވީ އުމުރުން 79 ގައެވެ. އެމަރްހޫމްގެ ކަށުނަމާދު ބޭއްވުމަށް ނިންމާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

