logo

މަސައްކަތުގެ މާހައުލުގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މަރްޔަމް
14 ގަޑިއިރު ކުރިން
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހަކާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހަކާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކޮށްދެއްވައި، އިންސާފުވެރި އަދި ދެފުށް ފެންނަ މަސައްކަތު މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އެމަނިކުފާނާ ހިއްސާކުރާ ގޮތަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސް މިހެން ވިދާޅުވީ ނަރުހަކު އޭނާގެ ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ކަންބޮޑުވުންތައް ހިއްސާކުރުމުންނެވެ.

އޭނާ ބުނީ ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތަކުގެ ވެރިންނަށް ނަރުހުން ނޫން މީހުން ތިބުމުގެ ސަބަބުން، ނަރުހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ރަނގަޅަށް ދެނެނުގަނެ ޒިންމާތައް ކަނޑައެޅުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ އެވެ. އަދި އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ ކަންކަން އެބަހުރި ކަމަށާއި އެހެންވެ މުވައްޒަފުންގެ ޝަކުވާތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ނިޒާމެއްގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

ރައީސް ވިދާޅުވީ ނަރުހުންނަކީ މުޖުތަމައަށް ވަރަށް އަގުހުރި، ހާއްސަ ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވާތީ ކަންބޮޑުވުންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމުކުރުމަށާއި، މުވައްޒަފުންގެ ޝަކުވާތަކަށް ދެފުށް ފެންނަ އަދި ޒިންމާދާރު އުސޫލަކުން ޖަވާބުދާރީވެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން، ތަންކޮޅެއް ގާތުން މައްސަލަތައް ހައްލުކުރަން. ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމްކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑު އެހުމާއި އެކަންކަމަށް ޖަވާބުދާރީވުމާއި ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުން،"

"މުވައްޒަފުންނާއި ދޭތެރޭ، ހާއްސަކޮށް ނަރުހުން ވަރަށް މުހިންމު ހިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލައިދީ ރަނގަޅުކުރަން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ad