ބ.ގޮއިދޫ އަދި ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް ފަށްޓަވާދެއްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.
މިއީ ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށި ހިދުމަތެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން މިހާތަނަށް ގިނަ ރަށްތަކެއްގައި އޭޓީއެމް ޖިދުމަތް ދޭން ވަނީ ފަށާފައެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.
މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ހިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު މި ހަފްތާ ތެރޭގައު 47 އަށް އަރާނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 40 ބްރާންޗް، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ