logo

ރޯދަ އިނާޔަތް މިމަހުގެ 12 ވަނަ ދުވަހުގެ ކުރި ދެނީ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މި އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް މި މަހުގެ 18 ވަނަ ދުވަހު ފަށާއިރު، އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހެ އެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން ވާނެ ސާކިއުލާގައި އަންގާފައިވެ އެވެ.

ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އަންގަވާފައެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އަންގަވާފައެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަކަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެއެވެ.

ad