ދެގައުމުގެ ދެމެދުގައި އުފެދޭ ޚާރިޖީ ނާޒުކު މައްސަލަތައް ހައްލުކުރުމަށް ސަފީރުން މީޑިއާ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާޒިމާ މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ، ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް އެ ގައުމުގެ އިމިގްރޭޝަނުން ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ވިސާގެ ކަންކަމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދާދިފަހުން މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ޖެހޭ މައްސަލަތައް މީޑިއާގައި ހާމަކޮށް، އެފަދަ މޭރުމަކުން ވާހަކަދެއްކުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން މިއަށް ވުރެ މާ ނާޒުކު ޚާރިޖީ މައްސަލަތައް ވެސް މީޑިއާއަށް ތިލަނުކޮށް، ރަސްމީ ދާލަންތަކުގެ ތެރެއިން ހައްލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ހިންގި "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވައި އާޒިމާ ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ގެއްލުންތައް ކުޑަ ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖެއާ އެންމެ އަވަށްޓެރި އަނެއް ގައުމާ ދިމާކުރުމަށް މީޑިއާތަކާއި ޕޯޑިއަމްތައް ބޭނުންކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވުމަށް އޭނާ ތާއީދު ނުކުރެއްވި ނަމަވެސް، ޚާރިޖީ ގުޅުންތަކުގެ ނާޒުކު ވާހަކަތައް ސިޔާސީ ޕޯޑިއަމްތަކުގައި އާންމުކުރުމަކީ ޚާރިޖީ ދާއިރާގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

.jpg&w=256&q=75)