ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވަނީ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތްތަކާއި ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުންދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ފްލެޓު ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ގުޅައި، އެ ތަންތަނަށް ބަދަލުވާ ފަރާތްތަކަށް ބޭނުންވާ އަސާސީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެފްޑީސީން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެ ތެރޭގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ.
ހަމްދާން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވި 90 އެއްހާ ފަރާތް އެބަތިއްބެވެ. އަދި ލިޔެކިޔުންތައް އިތުރަށް ކަށަވަރުކުރަން ޖެހޭތީ މިހާތަނަށް ވުޒާރާއިން އެލޮކޭޓް ނުކޮށްވާ 112 ފްލެޓެއް ވާކަމަށާއި، އެ ލިސްޓު ލިބުނުހާ އަވަހަކަށް އެ ފަރާތްތަކާވެސް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

