އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި މައްސަލަ ސާބިތުވެ، ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އަންހެނަކީ، މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒް އެވެ.
މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން މި ކޭސްގައި ދެ ދައުވާއެއް އުފުލިއެވެ. އެއީ، ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއަކާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެކެވެ.
މި ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އާއްމުކޮށް ހުޅުވައި ނުލައެވެ. އެހެންކަމުން ކޭސްގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ދައުލަތުން އުފުލި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. ދެ މައްސަލައިން ކުރެ ކޮންމެ މައްސަލައެއްގައިވެސް އިއްވާފައިވަނީ ތިން އަހަރުގެ ހުކުމެކެވެ.
އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވާފައި ވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެކެވެ.

