ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން 350 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދެވިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވީ ނުުކުޅެދުންތެރިކަން ހުރި މީހުން ވަޒީފާއަށް ނެރުމާއި، ވަޒީފާގެ މާހައުލުގައި އެ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދީ ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ އެންމެންނަަށް ވަޒީފާ ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ނުކުޅެދުންތެރިކަން ހުރި އިތުރު 500 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދޭން ނިންމައިފައިވާކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސްކޫލު ދައުރު ނިންމުމަށްފަހު ވަޒީފާއަށް ދިއުމުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވަރަށް ބޮޑު އެހީތެރިކަން ބޭނުންވެއެވެ. އެ ސަބަބަށްޓަކައި ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ އެންމެންގެ ފަންކްޝަނަލް އެސެސްމެންޓެއް ހަދައި ވަޒީފާ އަދާކުރެވޭނެ މީހުންނާއި، އެމީހުންނަށް އަދާކުރެވޭނީ ކޮން ބާވަތެއްގެ ވަޒީފާއެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރުވަނީ ފުރިހަމަކުރެވިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ގޮތް ފަހިކުރުމުގެ އިތުރަށް ސިވިލް ސާވިސް ކޮމިޝަނުން އެ ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ސިވިލް ސާވިސްގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތް ފަހިކޮށްދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުރި މީހުން ތައްޔާރުކުރުމުގެ ގޮތުން ޖޮބީ ރެޑިނަސް ޕްރޮގުރާމެއް ކުރިއަށްގެންގޮސް މިހާތަނަށް ދެ ބެޗެއްގެ 22 ކުދިންނަށް އެ ހުނަރުތައް ފޯރުކޮށްދެވި މިހާރު ތިންވަނަ ބެޗެއްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި އެމްޕަވާމެންޓު ހަބެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެ ހަބުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީ، އެ ފަރާތްތަކަަށް އިތުރު ހުނަރުތައް ދަސްކޮށްދިނުމަށް އެންޖީއޯތަކުން ހިންގުމަށް ބޭނުންވާ ޖާގަަ ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ޑރ.ޢާއިޝަތު ޝިހާމު ފާހަގަކުރެއްވި ގޮތުގައި ޕޮލިޓެކްނިކާ ގުޅިގެން ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
