މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިޤައުމުގެ ސަރުކާރު ހިންގިއިރު ޤައުމުގެ އިގުތިސާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް، މިއަދު މިގެންދަނީ ދައްކާ ޚަލާސްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދޮޅު މަހެއްހާ ދުވަހުގެތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެތެރެއިން އެންމެބޮޑު އެއް ދަރައްޏަކީ ސުކޫކު ކަމަށާއި ސުކޫކުގެ ދަރަނި އަދާކުރުމަށް 524 މިލިއަން ޑޮލަރު ދެއްކިއިރު ޤައުމުގެ ހަރުމުދާތައްވެސް ރަހުނުކޮށްފައިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަރަނި ދައްކައި، އެތަންތަން ރަހުނުން ސަލާމަތްކޮށް، ރައްޔިތުންގެ އަތްމައްޗަށް އެތަންތަން އަނބުރާ ގެނެސްދެވިފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ! މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް އަތްފޯރާފަށަށް، ރައްޔިތުންގެ މުދާ، ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ ސަބަބުން ހަޤީޤަތް ބަދަލެއް ނުވާނެ ކަމަށާއި އެއީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ހަޤީޤަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއްވެސް ޙާލެއްގައި ކުރާކަމެއްގެ ހަޤީޤަތް ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން ބަދަލު ނުވާނެ ކަމަށާއި މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ހަޤީޤަތް ބަދަލު ނުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނަކުން ލުއިވެގެން ގޮސްފައިވާކަމަށާއި އަދި އަންނަންއޮތް ޖީލުތަކަށްޓަކައި މި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް އިރާދަކުރެއްވިއްޔާ ގެންދެވެމުންދާކަމުގައި ރައީސް ވިދާޅުވިއެވެ. ޤައުމުގެ އިގުތިސާދު ނަގައިކޮޅަށްޖެހުމަކީ ދިވެހީންގެ ރާއްޖެ ގެނައުމަށްޓަކައި ވީ ވަޢުދުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަންތައްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްއެރުވިއެވެ. މިމޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދު ނަގައިކޮޅަށްޖެހުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބު ވަމުންދާކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާބެހޭގުތުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރުގައި ޚާރިޖީ ސިޔާސަތު އޮތީ ވަކިއަތަކަށް ބުރަވެ ހުސްވެފައިކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ މޯލްޑިވްސް ފަރސްޓް ޚާރިޖީ ސިޔާސަތުގެ ގޮތުގައި ކަނޑައަޅައި، ތަންފީޒުކުރައްވަން ފެއްޓެވިކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފައިދާވާ، މަންފާލިބޭ، އަދި މި ޤައުމަށް ފައިދާވާގޮތް އިސްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ހަތުރެއް މިހާރު ނެތްކަމަށާއި ރާއްޖެއަކީ އެކުވެރިކަމާއެކީ ދުރާގާތުން ކުދިބޮޑެތި އެންމެހާ ޤައުމުތަކާއެކުގައި މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައިވާ، ބަސްވިކޭ، އަޑުއަހާނެ ބައިވެރިޔަކަށް ވެފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތުގައި ރާއްޖޭގެ ކަންކަން ބައްޓަންކުރުމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ފޮނިކޮށް ފެންނަމުންދާނެކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވިއެވެ.

