ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ގެ ބީޓާ ޓެސްޓިންގ މަރުހަލާ ރަސްމީކޮށް ފަށައިފިއެވެ.
މިއީ 2026 ވަނަ އަހަރުގެ ކުރީކޮޅު ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖެ އާއި ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަގުފަހިކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ސްވައިޕްގެ ބީޓާ ޓެސްޓިންގ މަރުހަލާގައި ވަނީ ބޭންކުގެ ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައެވެ. މި މަރުހަލާ ކުރިއަށްގެންދަނީ، ސްވައިޕްގެ ހިދުމަތް އާންމުންނަށް ހުޅުވާލުމުގެ ކުރިން، އެންމެ ފުރިހަމަ އަދި ފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ބީއެމްއެލްގެ ތާވަލުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފެށޭނެއެވެ. މިކަމުގެ ސަބަބުން، ވިޔަފާރިތަކަށް ސްވައިޕް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުގެ ފައިސާ ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ލިބުމުގެ ހިދުމަތްވެސް ފެށޭނެއެވެ.
" ބޭންކުން މިހާރު މިދަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން. އޮކްޓޯބަރު މަހު ކާމިޔާބުކަމާއެކު މި ޚިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިންގ މަރުހަލާ ފެށި، 2026 ވަނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް އަޅުގަނޑުމެންގެ ޓީމުން މިދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނަރޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބީއެމްއެލްގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. އެގޮތުން އެ ކުއާޓަރުގައި، ބީއެމްއެލް އިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެއެވެ. މިއާއެކު، ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ދިވެހިރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށެވެ.
ސްވައިޕް އަކީ އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ، އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ހިދުމަތްވެސް ސްވައިޕްގައި ލިބިގެންދާނެއެވެ.

