logo

ބާޒާރުމަތީ މަގު ހެދުން ނިމުމާއެކު ރޯދަ މަހު ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދު ކަމަށްވާ ބާޒާރުމަތީގެ މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު، މި އަހަރުގެ ރަމަޟާން މަހު އެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ކަމަށްވާ އެއް ނަންބަރު ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހަދައި، ރޭ ފަތިހުގެ ވަގުތެއްގައި ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މި މަސައްކަތް ނިންމުމަށް ކުރި މަސައްކަތް ފެންނަ ވީޑިއޯތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، "އިރާދަ ކުރެއްވިއްޔާ މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ" ކަމަށެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވަނީ ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ތާރީހަށްވުރެ މާ ކުރިންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވިދާޅުވެފައިވަނީ، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ނޫނީ އިއްޒުއްދީން ފާލަމާ ހަމައަށް ރޯދަ މަސް ނިމުމުގެ ކުރިން ނިންމޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން މިވަނީ މި ސަރަހައްދު ހުޅުވާލާފައެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ ދަށުން އެމްއެމްއޭ ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ހަތަރު ލޭން ތަރައްގީކޮށް ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ޖުމްލަ 144 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ad