ޙަސަދަވެރިކަމާއި ބައިބައިވުމާއި ދުރުހެލިވެ، އެކުވެރިވުމަށް ފިތުރު އީދު ހުތުބާގައި ގޮވާލައިފިއެވެ.
"ފިޠުރުޢީދުގެ އުފަލާއި އަދަބުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޢީދު ޚުތުބާގައި ބަޔާންކޮށްފައިވަނީ، ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުތައް ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚުތުބާގައި ބުނެފައިވަނީ، މި ބާއްޖަވެރި ދުވަހު، މާތްالله ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށާއި މި ދީންމަތީގައި ސާބިތުވެ ތިބުމަށް އެންމެތަކުންނަށް އީދު ހުތުވާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތްالله އިސްލާމްދީނުގެ މަތިވެރި ނިއުމަތުގައި ލެހެއްޓެވިކަމަށްޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކުރުމަށް އީދު ހުތުބާގައި ގޮވާލިއެވެ. އަދި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް ކަމަށާއި އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވާ ކަމަށާއި އިސްލާމީ އީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިހުތިފާލެއް ކަމަށްވެސް ހުތުބާގައި ވެއެވެ. އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވާއިރު، އީދުގެ ކުރީން މުއްސަނދީން ފިތުރުޒަކާތް ނެރެ، ފަގީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ އީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަން ކަމަށާއި، ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުން ކަމަށެވެ. އަދި ފަގީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަން ކަމަށަައި މާތް اللهއަށް ހަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރު ކަމަށް އީދު ހުތުބާގައި ވެއެވެ.
ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ މުހިންމުކަމުކަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އިބްރާހީމްގެފާނު ކުރެއްވި ދުޢާފުޅަށް އިޝާރާތްކުރައްވައި، ކާބޯތަކެއްޗަށްވުރެ ބޮޑަށް ރަށުގެ އަމާންކަމަށް އިސްކަންދެއްވިކަން ހަނދާންކޮށްދެއްވިއެވެ. އަމާންކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެތީ، ޤައުމުގެ ސަލާމަތަށް މަސައްކަތްކުރުމަކީ އެންމެންގެ ވާޖިބެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ރަމަޟާން މަހުގެ އަޅުކަންތަކަށްފަހު، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މުހިންމުކަންވެސް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.

