logo

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްޢާން އައްޔަނުކުރައްވައިފި

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ފަރާތުން ލަމްޢާން އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ އެމަޤާމު ފުރުއްވަމުންގެންދެވި އިބްރާހިމް ޒިޔަތު އެމަޤާމުން ވަކިކުރުމަށްފަހުގައެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ލަމްޢާނަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.
އެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަގާމުތައް ލަމްއާން ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މަސައްކަތުގެ ރޭސީ އިތުރުކުރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑަރޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ މުޙައްމަދު ލަމްއާނަކީ، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ.

ލަމްއާން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމްރީނު ޕްރޮގްރާމުތައް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ad