އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އެ މީހުން ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެ މީހުންނަށް ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާނުކުރީ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިޢު ޝިހާބު (33އ) އާއި ގދ. ގައްދޫ، އައްސިދަ، މުހައިމިނު ޝަރީފު (36އ) އެވެ. މި ދެ މީހުންނަކީވެސް މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރަން ބޭނުންވާ ދެ މީހުންނެވެ.
ފުލުހުންގެ އިއުލާނުގައިވާ ގޮތުން، ޝާފިޢު ޝިހާބު ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އަންގާފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އަދި މުހައިމިނު ޝަރީފު ހަމަ އެ ދުވަހުގެ ހެނދުނު 11:00 އަށް އެ އިމާރާތަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

