އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ، މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތައް މުޅިން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ރަނިންމޭޓް އާދަމް އާޒިމް ދެއްވައިފިއެވެ.
ފައިސަލް ނަސީމާއި އާދަމް އާޒިމް މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު އޮޅުންފިލުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، އާދިއްތަ ދުވަހު މާލޭ މަސްމާރުކޭޓަށް ޒިޔާރަތްކުރެއްވިއެވެ. އެތަނުން މަސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ، މަސްވެރިންނަށް ތެލާއި އައިސް ލިބުމުގައި ދަތިތައް ހުރުމާއި، ބާނާ މަހަށް އެކަށޭނަ އަގެއް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. މީގެއިތުރުން، މި ދާއިރާގެ ތެރެއަށް ބޭރު މީހުން ވަދެ މަސައްކަތްކުރާތީ މަސްވެރިކަމުން ލިބޭ ނަފާ ރާއްޖެއިން ބޭރުވަމުންދާ މައްސަލަވެސް މަސްވެރިން ފާހަގަކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މާރުކޭޓް އިމާރާތްކުރުމުގެ މަޝްރޫއާ ބެހޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެކި ފަރާތްތަކާ ހަވާލުކޮށްގެން ފެށި މި މަސައްކަތް ކޮށްފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. ސިޓީ ކައުންސިލުން އެ ކަންކަން އިސްލާހުކޮށް މަސައްކަތް ކުރިއަށްގެންދަން އުޅުމުން ސަރުކާރުން އެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ހާލަތު ރަނގަޅުކުރުމަށް އެއްވެސް އިސްކަމެއް ނުދޭ ކަމަށާއި، މިފްކޯގެ ހިންގުން ބޮއްސުންލައި ކޮރަޕްޝަން އިންތިހާއަށް ދިއުމުގެ ސަބަބުން މަސްވެރިންނަށް ލިބެންޖެހޭ ހައްގު މިންވަރު ގެއްލެމުންދާ ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މަހުގެ އަގު އުފުލައިދޭނެ ކަމަށް ވައުދުވުމަށްފަހު، މަސްވެރިންނަށް މަލާމާތަކަށް ވާގޮތަށް މަހުގެ އަގުން އެންމެ 3 ރުފިޔާ ބޮޑުކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި، ދެކުނު އަދި މެދު ރާއްޖެތެރޭގައި ފަށާފައިވާ މަސްވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ނިންމައި މަސްވެރިންނަށް ފަސޭހަތައް ފޯރުކޮށްދޭނެ ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މަހަށް ހަމައަގު ލިބި، އަވަހަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެހި، އަގުހެޔޮކޮށް އައިހާއި ތެޔޮ ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފިނިކުރާ ގުދަންތައް ގާއިމުކުރެވި، ރަށްރަށުން ސީދާ މަސް ބޭރުކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ފައިސަލް ނަސީމްގެ ފަރާތްޕުޅުން އާޒިމް ދެއްވިއެވެ.


