logo

ސައުދީގެ އުޅަނދަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރެޑްސީ އިން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާ ކުށްވެރިކޮށް ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭ ކަމަށެވެ.

މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރެޑް ސީ އާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމަށާއި ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި އަމަލެއް ކަމަށް އެ ބަޔާނުގައި ރާއްޖެއިން ބުނެފައި ވެއެވެ.

ރާއްޖެއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ރާއްޖެއިން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއި އެކު ސާބިތުކަމާއިއެކު ތިބިކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފައެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ad