logo

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ދިވެހިރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އިއްވެވުމަށްފަހު، ދިރާސާކުރެއްވުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެވޭނީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓެއްގައި އެގޮތަށް ފާސްކުރުމުންނެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.

ސަފީރުކަމަށް ނަން ހުށަހަޅުއްވާފައިވާ ޖަމީލާ އަލީއަކީ ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސްކަން އެކަމަނާ ވަނީ ކުރައްވާފައެވެ. މީގެއިތުރުން، ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް ޖަމީލާ ވަނީ އަދާކުރައްވާފައެވެ.

މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޖަމީލާގެ ނަން ދިރާސާކޮށް ނިންމުމަށްފަހު، އެކަމަނާ އެ މަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.

ad