ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސުން މައުލޫމާތު ދިން ގޮތުގައި ބައްސާމްގޭ ބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރިގޮތުން ވަގުތީގޮތުން ކަމަށެވެ. މީގެ އިތުރުން އޭނާ ގޭ ބަންދަށް ބަދަލުކުރީ މެޑިކަލް ބޯޑުގެ ވެސް ލަފަޔާއެކު ކަމަށެވެ. ބައްސާމް ގޭ ބަންދަށް ބަދަލުކުރިކަން ހާމަކޮށްފައިވީ ނަމަވެސް އޭނާ ބަދަލުކުރީ ކިހާ ދުވަހަކަށް ކަން ކަރެކްޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ މާރިޗު މަހުގެ 16ވަނަ ދުވަހު ވެސް ބައްސާމް ގޭ ބަންދަށް ބަދަލުކުރިއެވެ. އަދި ކަރެކްޝަންސްއިން އޭރު ބުނީ، ބައްސާމް ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. މިގޮތުން އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭރު ބުނެފައި ވެއެވެ. އަދި ޖަލުގައި ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމުން ކަރެކްޝަނުން އެ ފަހަރު ވަނީ 24 ގަޑިއިރު ތެރޭގައި އޭނާ އަލުން ޖަލަށް ބަދަލުކޮށްފައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމަށް އިއްވާފައި ވަނީ އެ އެސޯސިއޭޝަނުގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.

