22 ފުލުހުންނާއެކު، 17 ވަނަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފިއެވެ.
މި ކޯހަކީ ސައުތު ސެންޓްރަލް ޕޮލިހާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެންދާ ޕްރޮގްރާމެކެވެ.
ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ، ފަސްޓްލައިން މެނޭޖަރސްއަކީ މުއައްސަސާގެ މެނޭޖްމަންޓު އަދި ފްރޮންޓްލައިން އޮފިސާސް ގުޅުވައިދޭ ބުރިޖް ކަމަށްވުމާއެކު ހުރިހާ ބައިވެރިންނަކީ ވެސް ނަމޫނާ ފުލުހުންނަށް ވުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް ޕްރޮފެޝަނަލްވުމާ އަދި ނަޒާހާތްތެރިކަން އިސްކުރުމާއެކު އަހުލާގު ރަނގަޅު ކިޔަމަންތެރި ފުލުހުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.
މި މަހު 19 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް އެ ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން، ލ. ގަމުގައެވެ. މި ކޯހުގައި ބައިވެރިވަނީ ތ. އަތޮޅުން ނުވަ ފުލުހުންނާއި ލ. އަތޮޅުން 13 ފުލުހުންނެވެ.
މި ކޯހުގައި “ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ އަދި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް” ގެ އިތުރުން ކޯހުގައި ކިޔަވައިދެވޭ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންދާނެއެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދޭނެއެވެ.
އޭގެ އިތުރުން، މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަކީ ޑްރިލްގެ ކޮމާންޑުތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން ހަތް ކިލޯ މީޓަރުގެ ދުވުމެއް ކުރިއަށް ގެންދާނެއެވެ.

