އީރާނުގެ ރޫޙާނީ ލީޑަރު އަދި ސިޔާސީ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވުމަކީ މުޅި މެދުއިރުމައްޗަށާއި ދުނިޔޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ލޮޅުމެކެވެ. ޚާމަނާއީގެ ވަކިވުމާ ގުޅިގެން އީރާނުގެ ސަރުކާރުން މިހާރު ދަނީ ވެރިރަށް ތެހެރާންގައި ހަމާނާއީގެ ޖަނާޒާާ ބާއްވަމުންނެވެ. ހަމާާނާއީގެ ޖަނާޒާއަކީ ހަމައެކަނި ހިތާމަ ފާޅުކުރުމުގެ ވަގުތެއް ނޫނެވެ. އެއެއްވުން ވެގެންދަނީ އީރާނުގެ ވަރުގަދަކަމާއި، އިސްލާމީ އިންގިލާބުގެ އުޞޫލުތައް ދެމެހެއްޓުމަށް ބާއްވާ ބޮޑު އެއްވުމެއްގެ ގޮތުގައެވެ.
ޚާމަނާއީ އަވަހާރަވީ އިޒްރާއިލާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ހަނގުރާމައިގެ ބިރުވެރިކަން މުޅި ސަރަޙައްދަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އިޒްރާއިލުގެ އިސްތިޢުމާރީ ސިޔާސަތުތަކާ ދެކޮޅަށް އީރާނުން ގެންގުޅޭ ހަރުކަށި އުޞޫލުތަކުގެ އެންމެ އިސް މޭސްތިރިއަކީ ޚާމަނާއީއެވެ. އެހެންކަމުން، އޭނާގެ ވަކިވުމާ އެކު އީރާނާއި އިޒްރާއިލްގެ ކުރިމަތިލުންތަކަށް އަންނާނެ ބަދަލަކާމެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ފާރަވެރިވަމުންނެވެ.
މި ދަނޑިވަޅުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީގެ ދައުރެވެ. އީރާނުގެ ދީނީ އަދި ސިޔާސީ ނިޒާމުގެ ތެރޭގައި މުޖުތަބާގެ ނުފޫޒު ގަދަވަމުންދާއިރު، އޭނާއަކީ ބައްޕާފުޅުގެ ފިކުރީ ތަސައްވުރު ކުރިއަށް ގެންދާނެ އެންމެ ވަރުގަދަ ޝަޚުޞިއްޔަތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. އީރާނުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މުޖުތަބާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
މި ހިތާމަވެރި ވަގުތުގައިވެސް، އީރާނުގެ ރައްޔިތުންނާއި މަދަދުގާރުން ބޭނުންކުރަމުންދާ އެންމެ ވަރުގަދަ ޝިއާރަކީ "އަހަރެމެން ތެދުވަންޖެހޭ" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ލީޑަރަކު ވަކިވި ނަމަވެސް، އިސްލާމީ އުޞޫލުތަކާއި، އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ވަރުގަދަ ޢަޒުމެވެ.
އާޔަތުﷲ ޢަލީ ޚާމަނާއީގެ ވަކިވުމަކީ އީރާނަށް ކުރިމަތިވި ބޮޑު އިމްތިޙާނެކެވެ. ނަމަވެސް، ތެހެރާންގެ މަގުތަކުން އިވޭ އަޑުތަކާއި، ކުރިއަށް އޮތް ބޮޑު ރަސްމިއްޔާތުން ހާމަވަނީ އީރާނުގެ ރައްޔިތުން އެމީހުންގެ ދީނީ އަދި ޤައުމީ ރޫޙުގައި ސާބިތުވެ ތިބިކަމެވެ. މަންޒަރުތަކުން ފެންނަނީ މުޖުތަބާ ޚާމަނާއީ ފަދަ ލީޑަރއެކު، އީރާނުން މަސައްކަތް ކޮށް ސަރަޙައްދީ ބާރެއްގެ ގޮތުގައި ދެމިއޮތްނާނެ ކަމެވެ.

.jpg&w=256&q=75)
