logo

ރިޔާޟްގެ އެއަރޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ދިޔާމާ އިބްރާހިމް
26 މިނިޓު ކުރިން

ސައުދީގެ ވެރިރަށް ރިޔާޟްގެ މައި އެއަރޕޯޓް ކަމަށްވާ ކިންގް ޚާލިދް އެއަރޕޯޓަށް އަމާޒުކޮށްގެން ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި މަހުގެ 10 ދުވަހު ދިން މި ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ޚަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޢާންމު ރައްޔިތުންނާއި، މުހިއްމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލް އަޤްވާމީ ގާނޫނުތަކާއި ޚިލާފުކަމެއް ކަމަށާއި، މިއީ ސައުދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ އަމަންއަމާން ކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢޫދީ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްސަކޮށް މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ޚާރިޖީ ވުޒާރާއިން ތައުޒިޔާ ފޮނުވާފައިވެއެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރާކަން ވެސް ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖެ އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާ އެކު ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ. އަދި ސަޢޫދީގެ ސިޔާދަތާއި، ސަލާމަތާއި، ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެންމެންގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން އިއްޔެ ދިން ހަމަލާއަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިން ތިން ވަނަ ހަމަލާއެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރުގެ މީހުން ހިމެނެއެވެ. މި ހަމަލާތަކުގައި އަނިޔާވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން އިއްޔެ ރިޔާޟަށް ދަތުރުކުރަން އޮތް ހުރިހާ ފްލައިޓެއް ޑައިވާޓުކޮށް، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ.

ހޫޘީން ވަނީ ސަޢޫދީގެ ވައިގެ ސަރަޙައްދަކީ އަސްކަރީ ސަރަހައްދެއް ކަމަށް ބުނެ، އެ ސަރަހައްދުން ދަތުރުނުކުރުމަށް ބައިނަލްއަގުވާމީ އެއާލައިންތަކަށް އިންޒާރު ދީފައެވެ. އަދި ބައެއް އެމްބަސީތަކުން ވަނީ އެއާޕޯޓް ސަރަޙައްދަށް ނުދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ad