ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި، ކައުންސިލްތަކުގެ އަމިއްލަ ބާރުވެރިކަމާއި، ގާބިލުކަމާއި، ވަސީލަތްތައް އިތުރަށް ވަރުގަދަކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މޭޔަރު ޢާޒިމް ވަނީ، ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްރަށުގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް އިޖާބަދިނުމަށް ކައުންސިލްތަކަށް ބާރުވެރިކަން ލިބި، ޑިމޮކްރަސީ ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ކުރާ ދަތުރު އަދި ނިމުމަކަށް ނާދޭ ކަމަށް ވިދާޅުވިއެވެ.
"ލާމަރުކަޒީ ގާނޫނަށް، ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން، އެ ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އަމަލީ ގޮތުން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ،" މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް
މީގެ އިތުރުން މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަމައެކަނި ޒިންމާތައް ހަވާލުކުރުމުން ނުފުދޭނެ ކަމަށާއި، އެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މިނިވަންކަމާއި ވަސީލަތްތައް ވެސް ކައުންސިލްތަކަށް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި ގާތްގަނޑަކަށް މުޅި އަހަރު ދުވަހު، ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު ވަނީ، ލާމަރުކަޒީ ނިޒާމު އިތުރަށް ކުރިއަރުވައި، ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ނިޒާމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާ ހިތްވަރަކާއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
