ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ޕީސީބީން ވިދާޅުވީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ.
މުހައްމަދު އަފީފަކީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އަދި ދައުލަތުގެ ތަފާތު އެކި މަގާމުތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަފީފްގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހުއެވެ.
އަފީފު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކޮށްފައިވާއިރު، އެކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފެނަކަ އުވާލުމަށް ނިންމާފައިވެއެވެ.ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން މިހާރު ވަނީ، އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުން އައި އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ރަށްތަކާއި އެކުންފުނިން ދަނީ، ހަވާލުވުމަށް މަސައްކަތް ކުރަމުންނެވެ.

