އަންހެނަކާއި ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވެމްކޯގެ މުވައްޒަފުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިދާރާތަކުން ކަނޑައަޅައިފިނަމަ އެ މުވައްޒަފާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އަޕާ ސައުތު ޕޮލިސް ރީޖަންގެ ބެލެނިކަމުގެ ދަށުގައިވާ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ދެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިސް މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ވެމްކޯއަށް ރައްދުވާގޮތަށް މީސްމީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުންފުނީގެ ވަޒީފާގެ ގަވާއިދުގެ ދަށުން އޮފީހުން ބޭރުގައިވެސް މުވައްޒަފުން އަޚުލާޤީ މިންގަނޑުތައް ހިފަހައްޓަންޖެހޭނެ ކަމަށެވެ.
"ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކިހުރެ، އެފަދަ މައްސަލައެއް ތަޙުޤީޤީ އިދާރާއަކުން މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާކަމަށް ކަނޑައަޅައިފިނަމަ، ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާމެދު އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަން އަރުވަމެވެ،" ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޖިންސީ ގޯނާގެ އެންމެހައި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އެއްވެސް ކަމަކަށް ކުންފުނިން އަބަދުވެސް 'ޒީރޯ ޓޮލަރެންސް' ގެންގުޅޭނެކަން ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.

.jpeg&w=3840&q=75)